
ޕްރިންސްޓަން ޔުނިވާސިޓީގެ ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒް ސްކޫލްގެ އިސް ވެރިއެއް ކަމަށްވާ އަމާނީ އޭ ޖަމާލްގެ ދައުވަތަކަށް، ޕްރިންސްޓަން ޔުނިވަސިޓީގައި ތަގުރީރުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމާއި އެންމެ ކުޑަ އެއް ގައުމުގެ ގުޅުން އެހާ މުހިއްމު ވަނީ ކީއްވެގެންތޯ ހިތަށްއަރާފާނެ ކަމަށެވެ. އޭގެ ޖަވާބަކީ އިންޑިއާ ކަނޑުގެ ބަދަލުވަމުންދާ އޮއިވަރު ކަމަށް ވިދާޅުވި އެވެ."ބައެއް މީހުން ހިތަށް އަރާނެ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެވެބާވައޭ. އިންޑިއާ ކަނޑުގައި ހިނގާ މައުމާލާތް ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމުވެ، ރައްކާތެރިކަން ބޭނުންވޭ. ދުނިޔޭގެ ތިންބައިކުޅަ އެއްބައި ބަލްކް ކާގޯ ދަތުރުކުރަނީ އިންޑިއާ ކަނޑުން،" ރައީސް ވިދާޅުވި އެވެ.ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފަ އެވެ.މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.