ޚަބަރު
ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި ރާއްޖެ 7 ދަރަޖަ މައްޗަށް
ޔޫއެންޑީޕީއިން އަހަރަކު އެއްފަހަރު ޢާއްމުކުރާ އިންސާނީ ތަރައްޤީގެ މިންގަނޑުން ބަލާއިރު ދެކުނު އޭޝިއާގެ ޤައުމުތަކުގެތެރެއިން ރާއްޖެ 2 ވަނައިގައި ހިމެނިއްޖެއެވެ.

އިންސާނީ ތަރައްގީގެ ކުރިއެރުން އަންގައިދޭ އެ އިންޑެކްސްގައި 191 ގައުމު ހިމެނެ އެވެ. އޫއެންޑީޕީން އަންނަނީ 1990 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ މައުލޫމާތު އާންމުކުރަމުންނެވެ.

ހިއުމަން ޑިވެލޮޕްމެންޓްމެންޓް އިންޑެކްސް ރިޕޯޓްގެ ނަމުގައި ޔޫއެެންޑީޕީން ކޮންމެ އަހަރަކު ނެރޭ ރިޕޯޓްގެ، މިއަަހަރުގެ އަދަދުގައިވާ ގޮތުން ރާއްޖެ މިހާރު އޮތީ 90 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރު ރާއްޖެ ރޭންކްކޮށްފައި އޮތް 97 ވަނަ އަށް ވުރެ ހަތް ދަރަޖަ މަތީ ރޭންކެކެވެ.

ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި 2019 ވަނަ އަަހަރު ރާއްޖޭން އޭގެ ކުރީ އަހަރަށް ވުރެ ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދި އެވެ. ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގައި 2018 ވަނަ އަހަރު 104 ވަނަ އަހަރު އޮތުމަށް ފަހު 2019 ވަނަ އަހަރު 95 ވަނައަށް އެރި އެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ އިގުތިސާދު ވެސް ދަށް ވުމުން 2020 ވަނަ އަހަރު 97 ވަނައަށް، ވެއްޓުނެވެ.

އިންސާނީ ތަރައްޤީގެ މިންގަނޑަކީ ޤައުމެއްގެ ސިއްޙީ ޙާލަތާއި ތަޢުލީމާއި ދިރިއުޅުމުގެ ފެންވަރު ވަޒަންކޮށް ޔޫއެންޑީޕީއިން ޢާއްމުކުރާ ރިޕޯޓެކެވެ. މިގޮތުން މިކަންކަން މިންކުރުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެތެރޭގައި ހިމެނޭ ދަރިމައިވުމުގެތެރޭގައި މަރުވާ ނިސްބަތާއި ތަޢުލީމީ ފެންވަރާއި ޤައުމީ އުފެއްދުންތެރިކަމާއި، ބޮލަކަށް ޖެހޭ ޢާމްދަނީގެ ނިސްބަތް މިންކުރެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ވަރު 1990 ވަނަ އަހަރު 6،261 ޑޮލަރު ގައި ހުރުމަށް ފަހު، ކުރިއެރުން ހޯދަމުން އައިސް މިހާރު އުޅެނީ 15،448 ޑޮލަރުގަ އެވެ. އެއީ 2،38،208.16ރ އެވެ. އެ އަދަދު 2019 ގައި ހުރީ 12،549 ގަ އެވެ.

މި ފަހަރުގެ އިންޑެކްސް އަށް ބަލާއިރު ރާއްޖޭގައި މީހުން މަރުވާ އެވްރެޖް އުމުރު އުޅެނީ 79.9 ގަ އެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އެންމެ ކުރީ ގައި އޮތީ 73 ވަނަ ލިބޭ ސްރީ ލަންކާ އެވެ. 

ސަރަހައްދުގެ ރޭންކް:

  • ސްރީ ލަންކާ - 73 ވަނަ 
  • ރާއްޖެ - 90 ވަނަ
  • ބޫޓާން - 127 ވަނަ
  • ބަންގްލަދޭޝް - 129 ވަނަ
  • އިންޑިއާ - 131 ވަނަ
  • ނޭޕާލް - 143 ވަނަ
  • ޕާކިސްތާން - 161 ވަނަ
  • އަފްގާނިސްތާން - 180 ވަނަ
ބޫޓާން، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް ހިމެނެނީ މެދުމިންވަރަށް ތަރައްގީ ހޯދި ގައުމުތަކުގެ ތެރޭގަ އެވެ. ޕާކިސްތާން އާއި އަފްގާނިސްތާން ހިމެނެނީ ވަރަށް ދަށް މިންވަރަކަށް ކުރިއެރުން ލިބުނު ގައުމުތަކުގެ ތެރޭގަ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު މިދިޔަ އަހަރު ހުރީ 15,448 ޑޮލަރުގަ އެވެ.

ޔޫއެންޑީޕީއިން ޢާއްމުކޮށްފައިވާ ރިޕޯޓާއި ގުޅޭގޮތުން އެއިދާރާއިން ވިދާޅުވީ ޢާއްމުގޮތެއްގައި ހުރިހާ ޤައުމެއްގައިވެސް ހުރިހާ ދާއިރާއަކުންވެސް ކަންބޮޑުވާކަންކަން ހުރިކަމަށެވެ. ސަބަބެއްކަމަށް ފާހަގަކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވީ ކޯވިޑް-19ގެ ޕެންޑަމިކާއި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާއި އެކި ޠޫފާންތަކާއި އަލިފާނުގެ ބޮޑެތި ޙާދިސާތަކުގެ ސަބަބުން ލިބިފައިވާ މާލީ ގެއްލުންތަކެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު