އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.
ރާއްޖެއިން އާންމުކޮށް ތެލުގެ ބާވަތްތައް އެތެރެކުރަނީ، މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އެހެންނަމަވެސް ޚުރުމޫޒް ކަނޑުއޮޅީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވިޔަފާރިތަކަށާއި، ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް ބުރުއަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއިން ވަނީ އަވައްޓެރި އިންޑިއާއިން ތެޔޮގަތުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
ރަސްމީކޮށް ސަރުކާރުން އަދި މިކަމުގައި ވަކިއެއްޗެއް ހާމަކޮށްފައި ނުވިނަމަވެސް، އިންޑިއާ ސަރުކާރުން މިހާރުވަނީ، ރާއްޖެ ހިމެނޭހެން ބައެއް އަވައްޓެރި އެހެން ޤައުމުތަކަށް އެޤައުމުން ބޭރުކުރާ ތެލުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން ނިންމައި އެކަން ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އިންޑިއާއިން ރާއްޖެއަށް މިފަދަ ލުޔެއް ދީފައި މިވަނީ މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑެ، ރާއްޖެއަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.