ޚަބަރު
ހޯރަފުށީގައި ހުރި ހުސްގޯތިތަކާ ގެވަޅުތައް މުއްސަނދިންނަށް ވިއްކުމާއި އިމްދާހު ދެކޮޅު!
ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް - އަހުމަދު އިމްދާހު
ހއ. ހޯރަފުށީގައި ހުރި ހުސްގޯތިތަކާއި ގެވަޅުތައް ކައުންސިލުން މުއްސަނދިންނަށް ވިއްކާލަން އުޅޭތީ އެމަކާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ދެކޮޅު ހައްދަވައިފި އެވެ. 

އިމްދާހު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށު ޒުވާނުންނާއި، ރަށުގެ އާއިލާތަކާއި، ރަށުގެ ކްލަބް ޖަމާއަތްތަކާއި، ރަށުގެ ކުންފުނިތަކާއި، ބޯހިޔާވަހިކަމެއް ނުލިބި، އަމިއްލަ ގޯއްޗަކަށް ދިގު އިންތިޒާރުކޮށް ރައްޔިތުން އާދޭސްކުރަމުން ދަނިކޮށް، ރަށުގައި ހުރި ހުސްގޯތިތަކާއި ގެވަޅުތައް ބޮޑު އަގުގައި މުއްސަނދިންނަށް ވިއްކާލަން ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހުސްބިންތަކަކީ ރަށުގެ މުސްތަގުބަލަށް އިންތިހާއަށް މުހިއްމު ބިންތަކެއް. ޕާކިން ޒޯންތައް އިތުރުކޮށް، މައިޒާންތަކާއި ޕާކުތައް އިތުރު ކުރަންހުރި ހަމަ އެކަނި ބިންތައް ދޫކޮށްލުމަކީ އިހުމާލެއް!" ރަށު ރައްޔިތުންނަށް އިސްކަންނުދީ މިފަދަ ބޮޑު ކަމެއް ނިންމާއިރު ރަށުގެ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނުކުރާކަން ފާހަގަ ކުރައްވާ އިމްދާހު ވިދާޅުވި އެވެ.

އިމްދާހު އިތުރަށް ވިދާޅުވީ ހޯރަފުށީގެ ބިމަކީ ހޯރަފުށީ ރައްޔިތުންގެ ހައްގެއް ކަމަށާއި ރަށުގެ ނިކަމެތި އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްނުދީ، މި ބިންތައް ވިޔަފާރި އުސޫލުން ވިއްކާލުމަށް ފާޅުގައި ދެކޮޅު ހަދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މި އަގުހުރި މިލްކިއްޔާތު ވިއްކާލުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އިމްދާހު ވަނީ ގޮވާލައްވާފަ އެވެ.

އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން ވޯޓު ދެއްވި ކައުންސިލަރުންނަކީ: 

  • ހޯރަފުށީ ކައުންސިލްގެ ރައީސް  - މުހައްމަދު އަސްފާމް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އަހްމަދު ރައޫފް
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު އަބްދުއް ސައްތާރު
އަކަފޫޓަކަށް 250 ރުފިޔާ އަށްވުރެ ކުޑަ ނުވާގޮތަށް ބިން ވިއްކަން ވޯޓު ނު ދެއްވާ ކައުންސިލަރުންނަކީ: 

  • ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް - އަހުމަދު އިމްދާހު
  • ހޯރަފުށީ ކައުންސިލްގެ މެންބަރު  - އާމިނަތު ވިސާމާ
ހއ. ހޯރަފުށީގައި ހުރި ހުސްގޯތިތަކާ ގެވަޅުތައް ކައުންސިލުން "މުއްސަނދިންނަށް ވިއްކާލަން" ތައްޔާރުވާތީވެ ހޯރަފުށީ ގިނަ ބަޔަކު އަންނަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް މިކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމުން ނެވެ. އަދި ހާމަކަން ކުޑަކޮށް ކައުންސިލް ޖަލްސާއަކުން މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ގިނަ ރައްޔިތުންގެ ލަފާ ރައްޔިތުންގެ ބައްދަލުވުމަކުން ހޯދުމަށް ރައްޔިތުން އަންނަނީ ބުނަމުން ނެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު