
ސްޓެލްކޯއިން މިއަދު ބުނީ، ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.އަދި މި އާ އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ 3.3 މެގަވޮޓަށް އިތުރުވެފައިވާ ކަމަށްވެސް ބުންޏެވެ. މީގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްގީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.ސްޓެލްކޯއިން މިފަހުން މައުލޫމާތު ދިން ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހއ. އަތޮޅުގައި ފެނަކައިން ދެމުން އައި ހިދުމަތްތަކާ އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފަ އެވެ. އަދި އެ އަތޮޅުގެ ރަށްރަށުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު، ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯގެ މައިގަނޑު އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ކަށަވަރުކޮށްދިނުމެވެ.