ޚަބަރު
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް
އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

އިންޑިއާއާ އެކު ރާއްޖެ އިން ހަދާ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ގައުމުގެ ކަމާ ގުޅޭ އިސްވެރިންނާއެކު މަޝްވަރާތައް ފަށައިފި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިޤްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، އިންޑިއާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމަންޓްގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ބާޒާރުތަކަށް ފަސޭހައިން ވަދެވުމުގެ ފުރުސަތު ހުޅުވި، ވިޔަފާރީގެ ހުރަސްތައް ނެތިގެންގޮސް، ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމުގެ ސަރުކާރުންވެސް އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާކަން މި މަޝްވަރާތަކުން ރަމްޒުކޮށްދޭ ކަމަށް ބަޔާނުގައި ވެއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރުގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ސައީދުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނާ އައިޝަތު އަޒީމާއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހައިކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފްޓީއޭގެ މަޝްވަރާތައް ކުރާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ފަށައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު