ޚަބަރު
އަދާލަތު ޕާޓީން މިނިސްޓަރު ސައީދުއާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް ޕާލް ރެޒިޑެންސީ" ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އަދާލަތު ޕާޓީން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ބައްދަލުކުރައްވައިފި އެވެ.

އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މިނިސްޓަރާ ބައްދަލު ކުރެއްވި ސޯޝަލް މީޑިއާގައި ވެސް ފޮޓޯތަކަކާ އެކު ހިއްސާކުރެއްވި އެވެ، އެކަމަކު މިނިސްޓަރު ސައިދާ އެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ބެހޭ އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނުވެ އެވެ.

މިނިސްޓަރާ ބައްދަލު ކުރެއްވި އަދާލަތުގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ.

އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓަމުންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު އެހެނިހެން ދާއިރާތަކަށް ފުޅާކުރުމާއި، ބޭރުގެ އިންވެސްޓަރުންނާއި ބޮޑެތި ވިޔަފާރިވެރިން ރާއްޖެއަށް ގެނައުމެވެ.

މި ޕްރޮގްރާމްގެ ދަށުން ރިއަލް އެސްޓޭޓް، އިއާދަ ކުރަނިވި ހަކަތަ އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ކަނޑައަޅާފައިވާ ލިމިޓްތަކުގެ ތެރެއިން ޕްރީ-އެޕްރޫވްޑް ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމުން ކޮންމެ 5 އަހަރަކުން އާކުރާ ރެޒިޑެންސީ ޕާމިޓެއް ލިބޭނެ ކަމަށްވެ އެވެ.

މިއީ ހަމައެކަނި ވަޒަންވެރިވުމުގެ ހައްގު ލިބިދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވުމާއެކު، ދިވެހިރާއްޖޭގައި ދެވަނަ ޕާސްޕޯޓެއް ގެންގުޅުމަށް ހުއްދަނުވާތީ މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ރައްޔިތު ކަމެއް ނުލިބޭނެ އެވެ. އެހެންނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް އާއިލާއާއެކު ތިބުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު