އަބްދުﷲ މައުރޫފް
14 ސެޕްޓެމްބަރ 2026 - 13:39
0 comments
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، މާކެޓުގައި ޑޮލަރުގެ ރޭޓު އަދި ހުރީ ހުންނަންޖެހޭ މިންގަނޑެއްގައި ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ދަށަށް [ޑޮލަރު ރޭޓް] ގޮސްފި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މާނައަކީ ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެން ސަރުކާރު، އެއީ 17 ނޮވެމްބަރު 2023 އައި އިރު ހުރި ރޭޓަށް، ސްލައިޓްލީ އެ ބޭންޑަށް [ޑޮލަރު ރޭޓު] އުޅޭ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޑޮލަރެއްގެ އަގު ހުރީ 17ރ. ގަ އެވެ. ނަމަވެސް، އެ އަގު ބޮޑުވަމުން ގޮސް، އާއްމުންގެ ކަންބޮޑުވުންތައް އިތުރުވި އެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވަން ސަރުކާރުން ޓާސްޓު ފޯހެއް ކަނޑައަޅައި އެ މަސައްކަތް ފެށިއިރު، އެ ރޭޓު ހުރީ 23ރ. ގަ އެވެ.
ސަރުކާރުން ބުނަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ މަދު ވިޔަފާރިތަކަކުން ކަމަށެވެ. މި ވިޔަފާރިތަކުން ޑޮލަރު ދައުރުކުރުވަނީ މަނީ އެކްސްޗޭންޖުތަކާއި ޑީލަރުން މެދުވެރިކޮށެވެ.ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ އޮޕަރޭޝަން ފެށިކަން އިއުލާންކުރި ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވި ގޮތުގައި، ހުއްދަ ނަގައިގެންނާއި ހުއްދަ ނުނަގާ ހިންގާ ހަތް މަނީ އެކްސްޗޭންޖެއް މޮނީޓާ ކުރިއިރު، ނުވަ މަސް ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.