ޚަބަރު
ރާއްޖެއާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެމެރިކާގެ މަންދޫބެއް ރާއްޖެއަށް
ރާއްޖެއާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ނިންމައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ވެބްސައިޓުގައި އިއްޔެ ބުނީ އެ ގައުމުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ، މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އާއި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

"ރާއްޖެއަށް ކުރައްވާ މި ދަތުރުގައި، ހާއްސަ މަންދޫބު ގޯ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މި ބައްދަލުވުންތަކުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަލާމަތީ ކަންކަމުގައި އޮތް އެއްބާރުލުން ވަރުގަދަކުރުން،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮގްރާމްތައް ހިންގުމާއި އިގުތިސޯދީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް މަންދޫބުގެ ދަތުރުގައި މަޝްވަރާ ކުރައްވާނެ އެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު މި އަހަރު އެޕްރީލް 19، ގައި ފުރޭނެ އެވެ. އެ މުނާސަބަތު ފާހަގަކުރުމުގައި ހަރަކާތްތަކެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު