ޚަބަރު
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ކޯސް ފަށައިފި
މި ސަރުކާރުން ފެށި "ވަތަނީ ހިދުމަތް" ނުވަތަ ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗްގެ ފަންނީ ތަމްރީން ކޯސް މިއަދު ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި ޕްރޮގްރާމްގެ ދެވަނަ ބުރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ، ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ނޭޝަނަލް ސާވިސް ސްކިލްސް ޓްރޭނިން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، އަދި ފަންނީ ގޮތުން ހުނަރުވެރި އިހުލާސްތެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ. ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދެވަނަ ސީރީޒްގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވައުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް އާކުރުން އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް އަޒުމް އާކޮށްދެއްވީ މޭޖާ ހުސައިން ޝާހިދެވެ.

"މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ  ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ." އެމްއެންޑީއެފްއިން ބުންޏެވެ. 

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ތަމްރީނު ފުރިހަމަކުރާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު