ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލްކޮށްފައި ވަނިކޮށް، އޭނާ ދެންމެ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކުރައްވާފައި ނުވާ ކަމަށެވެ.
"މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުންވިއަސް އަޅުގަނޑު ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު ނުވަތަ އެހެންވެސް ފަރާތަކުން، ޤާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަން ފާހަގަކުރަމެވެ،" ނާޒިމު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުގަ އެވެ.
"އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެއްވެސް މެންބަރެއްގެ ވާޖިބެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާމިނެއްގައި ކަންކަން ފަހިކޮށްދީ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައި ނުވާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކުގައެވެ. ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައި ނުވާހިނދު، އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށެވެ،" ނާޒިމްގެ ނޫސްބަޔާނުގައި ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކިފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އެކު ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމާއެކު ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކޮށްދީފައިވާނޭ ކަމަށެވެ.
"ކަން މިހެން ހުރުމާއެކުވެސް، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް، ހުށަހަޅުއްވާފައި ވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތްކަމުގައި ނުވި ނަމަވެސް، އިންތިހާބީ މަގާމަކަށް ވޯޓުލީ އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެ ކަމަށް އިޖާބަ ދިނުމަކީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކެމެވެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމުގެ ނޫސްބަޔާނުގައި ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އިސްތިއުފާދޭ ކަމަށް ވިދާޅުވެފަ އެވެ.
ނާޒިމްގެ ނޫސްބަޔާން ނިންމާލެއްވީ ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރ، ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އަދި ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އޮތް ކަމަށް އަޑު ފެތުރިފައި އޮތް ނަމަވެސް، އެ މެންބަރުންގެ މެދުގައި އެފަދަ ކަމެއް ނެތް ކަމާއި އޮތީ ބަދަހިކަމާ އެކު ކަމަށް ސީނިއާ މެންބަރުން ވިދާޅުވެފައިވެ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.