އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި
އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ކުންފުނިތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސް ނެރުއްވި ގަރާރަކުން އެ ކުންފުނި އުފެއްދެވީ، ހަންކެޑެ މަޝްރޫއު ރާވާ ހިންގުމާއި އެ މަޝްރޫއުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެ ކުންފުންޏާ ހަވާލުކުރުމަށެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީ ކުރުމަށެވެ.މިދިޔަ އެމްޑީޕީގެ ސަރުކާރުން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި، އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއް ހަންކެޑޭގައި ކުރިއަށްގެންދަން ނިންމާފައިވާ ނަމަވެސް މި ސަރުކާރުން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި ވަނީ ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށެވެ.
ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 އިން ފެށިގެން ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކަމަކު މިހާތަނަކަށް އެއްވެސް ސަރުކާރަކަށް މިކަން ހަގީގަތަކަށް ހަދައި ދެވިފައެއް ނުވެ އެވެ.