ވިޔަފާރި
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓް އަންނަ އަހަރަށް ނިމޭނެ: އަފީފް
އައްޑޫގެ ސިޓީގައި ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ބޭރުގެ ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ރަނގަޅު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށާއި އަންނަ އަހަރަށް ނިމެނޭ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުއާ ގުޅޭ ގޮތުން ސުވާލުކުރުމުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އަފީފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އެ މަޝްރޫއު އޮތީ ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވެގެން އެ ޕްރޮޖެކްޓްގެ ކަންކަން ކުރިއަށްދާ ގޮތް ބެލިބެލުުމުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ރަނގަޅު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް،". އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރާއްޖެ އިން ބޭރުގައި އެކަމަށް ބޭނުންވާ ޖަނަރޭޓަރުތައް އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތްތައް ދާގޮތް ބަލާލުމަށް ވަރަށް އަވަހަށް ފެނަކައިގެ ޓީމެއް ވެސް ދާނެ ކަމަށް ވިދާޅުވިއެވެ.

އަފީފް ވިދާޅުވެފައިވާގޮތުގައި އެ ބާވަތުގެ ކަންކަމަށް އެކަށީގެންވާ ވަގުތު ނަގާނެއެވެ. ނަމަވެސް އެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް މި އަހަރުގެ ތެރޭގައި ނިމެނޭ ކަމަށާއި އަންނަ އަހަރު މަޝްރޫއު އެއްކޮށް ނިންމައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) ގާއިމުކުރުމަށް ދުބާއީގައި ރަޖިސްޓަރީ ކޮށްފައިވާ ޑެފިނިޓް ސޮލިއުޝަންސް ކިޔާ ކުންފުންޏަކާ ވަނީ މި އަހަރުގެ މާޗު 7 ގައި ހަވާލުކޮށްފަ އެވެ. 

އެ މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު