ހުޅުމާލޭގައި ހަދާ ބޮޑު ކަންނެލި ފެކްޓްރީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިން: ޝިޔާމް
މަޖިލިސް މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޝިޔާމް ޖަވާބުދެއްވަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހުޅުމާލޭގައި ގާއިމުކުރަން މި ސަރުކާރުން ވައުދުވި 100 މެޓްރިކް ޓަނުގެ ކަންނެލިމަސް ފެކްޓްރީ އަޅަން ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ފެކްޓްރީ އެޅޭނީ ކޮން ދުވަހަކުންތޯ ކެންދޫ ދާއިރާގެ މެންމަބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި މަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ."ހުޅުމާލޭގައި ކަންނެލިމަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މިވަނީ ބަޔަކާ މިދިޔަ ހަފްތާގައި ހަވާލުކޮށްފަ. އަޅުގަނޑުމެން މި ބަލަނީ ފެކްޓްރީގެ، ކަންނެލި މަސްވެރިންނަށް ހައްލުހޯދައިދިނުމަށްޓަކައި ގާއިމުކުރެވޭ ފެކްޓްރީގެ އެބައި ކުރިޔަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް." ޝިޔާމް ވިދާޅުވި އެވެ.އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ކާރުހާނާ އެޅުމަށްޓަކައި ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހަމަޖައްސައިދީފަ އެވެ.