
ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި މިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން 478 ވައުދުވެފައިވާއިރު، އޭގެތެރެއިން ބޮޑު ބައެއް މިހާރު ހާސިލްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.މިނިސްޓަރު ގީލާ ވަނީ ސިއްހަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން 244 ނިންމެވުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ ދާއިރާއިން 835 ޕްރޮޖެކްޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި މިހާތަނަށް ސިއްހީ ދާއިރާ ކުރިއެރުވުމަށް 8،384 ހަރަކާތެއް ހިންގާފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.ސިއްހީ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ދާއިރާއެއް ކަމަށާއި މި ސަރުކާރުން މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކޮށްފައިވާއިރު، ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު ސިއްހީ ދާއިރާއިން ހަވާލުކުރި މަޝްރޫއުގެ ޖުމްލަގެ އަގު 2.62 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ގީލާ ވިދާޅުވި އެވެ.ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެހެން ދާއިރާތަކަށް މުވައްޒަފުން އިތުރުނުކުރި ނަމަވެސް، ސިއްހީ ދާއިރާގެ މުހިންމުކަމުން އެ ދާއިރާއަށް މުޅި ރާއްޖެއިން 2،000 އެއްހާ މުވައްޒަފުން އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކި ބެޗްތަކަށް ބަހާލައިގެންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.