ޚަބަރު
ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީން: ގީލާ
މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ޖަވާބު ދެއްވަނީ
ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މައްޗަގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރުގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހިދުމަތުގައި ގިނައިން ތިބީ ބިދޭސީން ކަމަށެވެ. އަދި އެ ޑޮކްޓަރު ވަޒީފާއިން ވަކިވެގެން ދިއުމުން، އެ މަގާމަށް އަލުން މީހަކު ހޯދަން އިދާރީ ގޮތުން ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސިއްހީ ދާއިރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ 12،000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ރަށްރަށުގައި 7،000 އަށްވުރެ ގިނަ އަދި މާލޭގައި 5،000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު 3،400 އަށް ވުރެ ގިނަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 3،400އަށް ވުރެ ބޮޑެވެ.

އުންމީދަކީ ގިނަ ދިވެހީންނާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދެވިގެން ދިއުން ކަމަށް ޤީލާ ވިދާޅުވިއެވެ. އެކަމަށްޓަކައި ގައުމީ ޔުނިވާސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެވެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ކިޔަވާ ނިންމައިގެން ގިނަ ދިވެހި ޑޮކްޓަރުން ވެސް އަންނަނީ ހިދުމަތާ ގުޅެމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް, ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު 16 ދިވެހި ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ވަނީ ގުޅިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު