ޚަބަރު
އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތް ވެސް 95125ރ.އަށް ބޮޑުކުރަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރު -- ފޮޓޯ: ސުޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކޮށް، އެމަނިކުފާނުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ، 91،000 ރުފިޔާގެ މުސާރައެކެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު، އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވިއެވެ.

މަމްދޫހު ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. މިގޮތުން، އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ. ކޮމިޓީން މި ބަދަލު ފާސްކުރުމާއެކު، އުއްތަމަ ފަނޑިޔާރަށް ޖުމުލަ މުސާރައިގެ ގޮތުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

މާލިއްޔަތު ކޮމެޓީން މިދިޔަ ހަފްތާގައިވަނީ ރައްޔިތުން މަޖލީހުގެ ރައީސްއަށް ވެސް ހާއްސަ އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ދިނުމަށް ފާސްކޮށް މަޖިލީހުގެ ރައީސްގެ މުސާރަވެސް 95،125 ހަދަން ނިންމާފަ އެވެ.

މީގެއިތުރުން ވަޒީރުންނަށް ކުރިން ކާރު އެލަވަންސް 17،000 ރުފިޔާއަށް ބަދަލުކުރުމަށްވެސް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 30،000ރ ، ނައިބު ރައީސްގެ މުސާރަ 25،000ރ އަދި މެމްބަރުންގެ މުސާރަ 23،000ރ ހަދަންވެސް މާލިއްޔަތު ކޮމެޓީން ވަނީ  ފާސްކޮށްފަ އެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު