ހުނައިދާ ޔާސިރު
26 އޮކްޓޫބަރ 2026 - 11:25
0 comments
ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނައީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ. ތައުލީމުގެ ގާނޫނަށް ގެންނަ އެހެން ބައެއް ބަދަލުތައް ވެސް ހިމެނޭ އެ ބިލުގައިވާ ގޮތުން ހޯމް ސްކޫލިން އަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ތިން ސަބަބެއް މެދުވެރިވެގެންނެވެ.
އެއީ؛
• ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން
• ހަމައެފަދަ ނަފްސާނީ މައްސަލައެއް ހުރުން
• ތިން ވަނަ ޝަރުތަކަށް އޮތީ އެ ނޫން ހާއްސަ ހާލަތެއް، (ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް) މެދުވެރިވުން. ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، ސްކޫލްގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ބިލުގައި ތައުލީމީ ޤާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ. އެ ބަދަލުތަކަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ދައުރު ތަފްސީލުކޮށްދިނުމުގެ އިތުރުން، އެ ފަރާތްތަކަށްމިހާރު ދިމާވާ ދަތިތައް ހައްލުކުރުމަސް ހުށަހަޅާފައވާ ކަންކަން ހިމެނެ އެވެ.
އެ ބިލުގައި ދަރިވަރުންގެ ދައުރު ތަފްސީލުކޮށް، ސްކޫލްގެ އިސްފަރާތްތަކާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް އިޚްތިރާމު އާދައަށަގެންނެވުމަށް މަސައްކަތްކުރުމަށް މަސައްކަތްކުރުމަށް ހިމަނާފައިވެ އެވެ. އަދި މުދައްރިސުންނާއި، ސްކޫލްގެ މުވައްޒަފަފުންނާއި، ދަރިވަރުންނަށް ގޯނާގެ އެއްވެސް އަމަލެއް ނުހިންގުމާ އެފަދަ ކަމެއްގައި ބައިވެރި ނުވުމަށާއި، ދަރިވަރުން ކިޔަވާ ސްކޫލްގެ ގަދަރު ހިފެހެއްޓުން ފަދަ ކަންކަން އިތުރަށް ތަފްސީލްކޮށް ބިލުގައި ހިމަނާފައިވެ އެވެ.
ހަމައެހެންމެ ސްކޫލަށް ދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދޭން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.