ވިޔަފާރި
މޯލްޑިވިއަންގެ އޮފީހެއް ބެއިޖިންގައި ހުޅުވައި، ރޯޑްޝޯއެއް ބާއްވައިފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުޅުވައިފި އެވެ.

އިއްޔެ ޗައިނާގައި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާއި ރޯޑް ޝޯގައި ސަރުކާރުގެ އިސް ވެރިންނާއި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. މިއީ ޗައިނާގެ މާކެޓުގައި މޯލްޑިވިއަންގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ޓޫރިޒަމް ދާއިރާގެ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި ދެ ހަރަކާތް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

ބެއިޖިންގައި ހުޅުވި އާ އޮފީހުގެ ސަބަބުން ޗައިނާގެ ޓްރެވަލް އޭޖެންޓުންނާއި ވިޔަފާރި ޕާޓްނަރުން އަދި ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި އޮފީހުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ އެ އެއާލައިންގެ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެއިޖިން އަދި ޝަންހާއީ ޗެންޑޫއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއަހަރު ވެސް އެގައުމުން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު