ޔޫނުސް އިބްރާހިމް
27 އޮކްޓޫބަރ 2026 - 13:00
0 comments
ވަކި ދީނަކާއި ވަކި ގައުމަކަށް އަމާޒުކޮށް ދެކޮޅުވެރިކަމުގެ އަމަލުތަކެއް ހިންގުމާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ލިބޭ އަމަލެއް ކުރުމުގެ ކުށް ހިމަނާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ބިލަކީ ވެރިން ކުށްވެރިކުރުވާ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.
ގަތުލްއާންމާއި އެކަމަށް ގޮވާލުމާއި ދައުލަތަށް ހިޔާނާތްތެރިވުން އަދި އިގުތިސޯދަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހަދަން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ސްޕޮންސާކުރައްވައި ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މަޖިލީހުގައި ފަށަން ތާވަލުކޮށްފައިވާއިރު، ބިލާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.އެ ބިލާ ގުޅިގެން މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޝަމީމް އޭނާގެ ބްލޮގްގައި ލިއުއްވާފައިވަނީ، އޭނާގެ ކަންބޮޑުވުން އެންމެ ބޮޑުކޮށް އޮތް ކަމަކީ ގަތުލްއާންމާއި ދެކޮޅުވެރިކަމުގެ ކުށްތަކުގެ ބަޔަށް ވުރެ ވެސް އިގުތިސޯދަށް ގެއްލުން ދިނުމުގެ އަމަލެއް ކުރުމުގެ ކުށުގެ ބަޔަށެވެ. އެގޮތުން:- ޝަމީމްގެ ވިސްނުމަށް ވެސް ފުރަތަމަ އައީ، މިއީ އިދިކޮޅު ސިޔާސީ އަދި ދީނީ މީހުން ރާއްޖޭގެ އިގުތިސޯދަށް ދަތިވާ ޒާތުގެ އަމަލުތައް ކުރާތީ، އެ ކަންކަމަށް އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް
- އެކަމަކު ދައުލަތް ނުވަތަ ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ކަމުގައިވާ ނަމަ، އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އޮވެ، އެހެން ހާލަތްތަކުގައި ތިންވަނަ ދަަރަޖަ ކަމަށް ބަޔާންކުރާތީ އެހެން މަންޒަރެއް ފެނޭ
- ހެޔޮ ނިޔަތުގެ އިސްތިސްނާއެއް އެ މާއްދާއަކު ނެތް؛ ޕްރޮސެކިއުޝަނުން ސާބިތުކުރަން ޖެހޭނީ ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން ވަކި ދާއިރާއެއް ހުއްޓާލައި އެހެން ދާއިރާއެއް ފުޅާކުރުމަށް ކަމެއް ކުރި ކަމާއި އޭގެ ސަބަބުން ދައުލަތުގެ އިގުތިސޯދަށް ބޮޑު ގެއްލުމެއް ލިބުނުކަން
- އެއީ ގާނޫނުލްއުގޫބާތުގައި ނުވަތަ އެހެން ގާނޫނެއްގައި ވެސް މިހާތަނަށް ކުށް ބަޔާންކޮށްފައިވާ ގޮތެއް ނޫން؛ ހެޔޮ ނިޔަތެއް ނެތްކަން ސާބިތުކޮށްދިނުމަކީ އެހެން ބުނާ މީހެއްގެ ޒިންމާއެއް ގޮތުގައި އަބަދު ވެސް އޮތް ނަމަވެސް، މި ކުށުގައި ހެޔޮ ނިޔަތެއް ނެތްކަން ދައްކައިދޭން ނުޖެހޭތީ ޕްރޮސެކިއުޝަނަށް ކުށް ސާބިތުކުރަން ފަސޭހަވޭ
"ގާނޫނެއް ނުވަތަ ސިޔާސަތެއް ހެދި ކަމާއި އެ ސިޔާސަތުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބެން އޮތް ކަމަކަށް ލޮޅުން އެރިކަން ސާބިތުކޮށްދިނުމުން ފުދެ އެވެ. އަދި އެ ކަންކުރި ދައުލަތުގެ ވެރިންގެ މައްޗަށް ކުށް ސާބިތުކުރެވެ އެވެ. މިއީ މިކަން އޮންނަންވާނެ ގޮތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ،" ޝަމީމް ލިއުއްވާފައިވެ އެވެ."ރިފާއުގެ ވިސްނުންފުޅުގައި، ސަރުކާރު އަދި ދައުލަތުގެ ވެރިއަކަށް، އެއީ މާލީ ވަޒީރަކަސް، ފަތުރުވެރިކަމުގެ ވަޒީރަކަސް، އަދި ކިއެއްތަ، ހުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް، މިކުށުގެ އަމަލު މިހާރު އޮތް ގޮތުން ކުރެވެ އެވެ. އެއީ، ދަރަޖަކުރުމުގައި ސަރުކާރު ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު މި ކުށް ކޮށްފާނެ ކަމަށް ތަސައްވަރުކޮށްފައި އޮންނާތީ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ވެރިންނަށް ގާނޫނުން ހިމާޔަތްދޭންޖެހޭނެ ކަމަށާއި އެ މީހުންކުރާ ހަމަ ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށްވެދާނެ ފަދަ އަމަލެއްކަމަށް ގާނޫނުލްއުބާތުގައި ލިޔުމުން އެ އުފެއްދެނީ އެކަށީގެންނުވާ ބިރުވެރިކަމެއް ކަމަށެވެ.
ދައުލަތުގެ ވެރިންނަށް ރައްޔިތުން އޮތީ މެންޑޭޓެއް ހަވާލުކޮށްފައި ކަމަށާއި އެ މެންޑޭޓާ އެއްގޮތަށް ފުރިހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ދައުލަތުގެ ވެރިންނަށް އޮންނަންވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.