ޚަބަރު
15 މެގަވޮޓްގެ ސޯލާ މަޝްރޫއުގައި ސޮއިކޮށްފި
ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ.

މިއީ ހަކަތައާ ބެހޭ މިނިސްޓްރީ އާއި ސްޓެލްކޯ އިން، ފެނަކައިގެ އަރައިޒް އިނިޝިއޭޓިވްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން 15 މެގަވޮޓްގެ ސޯލާ ޕީވީ ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ޗައިނާގެ ސީނޯ ސޯއާ ހައިބްރިޑް ޓެކްނޮލޮޖީއާ އެކު ސޮއިކުރީ އިއްޔެ އެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ލ. އަތޮޅު ކްލަސްޓާ (ލޮޓް 1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް 2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީވީ ސަބް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވެ އެވެ. ވޯލްޑް ބޭންކާއި ސީޓީއެފާއި އޭއައިއިއައިބީ އަދި މީގާ ފަދަ މާލީ އިދާރާތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީ.ބީ.-އެފްއޯއޯޓ ފްރޭމްވޯކެއްގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ވާދަވެރި ބީލަން އުސޫލުން ކުރިއަށް ގެންގޮސް، އިންވެސްޓަރުންނަށް ހުރި ދަތިތައް ކުޑަކުރުމަށް ވޯލްޑް ބޭންކް (އައިޑީއޭ)، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް)، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ)ގެ މާލީ އަދި ފަންނީ އެހީތެރިކަމާ އެކު އެކުލަވާލެވިފައިވާ ހާއްސަ ރިސްކް މިޓިގޭޝަން ފްރޭމްވޯކެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

15 މެގަވޮޓްގެ ސޯލާ މަޝްރޫއު ބެހިފައިވާ ގޮތް

ލޮޓް 1: (ލ. އަތޮޅު ކްލަސްޓާ - 2 މެގަވޮޓް)

  • ލ. މާމެންދޫ (0.61 މެގަވޮޓް)
  • ލ. މާވަށް (0.44 މެގަވޮޓް)
  • ލ. މާބައިދޫ (0.38 މެގަވޮޓް)
  • ލ. ހިތަދޫ (0.3 މެގަވޮޓް)
  • ލ. ކުނަހަންދޫ (0.25 މެގަވޮޓް) 
  • ލ. ދަނބިދޫ (0.2 މެގަވޮޓް)
ލޮޓް 2: (ސަރަހައްދީ ބޮޑެތި ރަށްރަށް - 13 މެގަވޮޓް)

  • ށ. ފުނަދޫ (1.25 މެގަވޮޓް)
  • ޅ. ނައިފަރު (2.3 މެގަވޮޓް)
  • ލ. ގަން (4 މެގަވޮޓް)
  • ލ. ފޮނަދޫ (3 މެގަވޮޓް)
  • ލ. އިސްދޫ (0.7 މެގަވޮޓް)
  • ލ. ކަލައިދޫ (0.6 މެގަވޮޓް)
  • ގއ. ވިލިނގިލި (1.65 މެގަވޮޓް)
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު