ރާއްޖެެއާއި އޮސްޓްރޭލިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް"އެއް ގާއިމުކުރުމަށް އެމްޔޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ބޭއްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި މީގެ ސަބަބުން ދަތުރުފަތުރާއި ޓޫރިޒަމް އަދި ވިޔަފާރިގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް އަމީންގެ ޕޯސްޓުގައި ވިދާޅުވި އެވެ.މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އަންނަނީ އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.