
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ މިއަދުން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.ފެމިލީ މިނިސްޓްރީން ބުނީ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޑިސެންބަރު 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ ދެ ކެޓަގަރީއަކުންނެވެ.އެއީ ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީ އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓެގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ/ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގެ ދަށުން އަންހެނުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ ނަން ހަތަރު ދާއިރާއަކުން ހުށަހެޅޭނެ އެވެ.އެ ދާއިރާތަކަކީ ލީޑަޝިޕް އަދި ގަވަނަންސް، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން، އިޖްތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް" އެވެ.އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އޮންނާނެ އެވެ.ރެހެންދި އެވޯޑް ދޭން ފެށީ 2014 ގަ އެވެ. މިހާތަނަށް ޖުމުލަ 77 ފަރާތަކުން އެ އެވޯޑް ހާސިލްކޮށްފައިވާ އިރު، އޭގެ ތެރޭގައި އެކިއެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ފަދަ ދާއިރާތަކަށް އަންހެނުން ނެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ އަންހެނުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ވެސް ހިމެނެ އެވެ.