އިސްމާއިލް ރިޒާ
27 އޮކްޓޫބަރ 2026 - 15:08
0 comments
ފެނަކަ ކޯޕަރޭޝަނުން ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނުނިމެނީސް އަދި އެކަން ކަށަވަރުނުކޮށް ފައިސާ ދޫކުރި މައްސަލައިގައި، އެ ކޯޕަރޭޝަންގެ ކުރީގެ ހެޑް އޮފް ޕްރޮކިއުމަންޓް މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 1 އަހަރާއި 7 މަހާއި 11 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ދީނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މީގެކުރިން ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަން މިއަދު ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ނިންމެވީ، ދީނާގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށް ބެލި ނަމަވެސް އޭނާ ޖަލުގައި ބަންދުނުކުރެވޭނެ ފަދަ ސިއްހީ ހާލަތެއް އޮތްކަން ސާބިތުވާ މިންވަރަށް ލިޔުން ލިބިފައިނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ބޮޑު ޖިނާއީ ކުށެއް ކަމަށް ވާތީ، 1 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅުއްވީއެވެ.މި މައްސަލައިގައި ދީނާގެ އިތުރުން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ދައުވާކުރިއެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދީނާގެ މައްޗަށް މި ހުކުމް އައީ ސައީދުގެ މައްޗަށް ހުކުމް އިއްވިތާ ގިނަ ދުވަސްތަކަކަށް ފަހުގައެވެ.