ޚަބަރު
މޭރީ މަރާލި މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. 

މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށްވެސް މިއަދު ހުކުމް އިއްވާނެ އެވެ.

މާވިން އުމުރަށް ޖަލަށްލާން މިއަދު ހުކުމް ކުރިއިރު، މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ކުރިން އޮތީ ކަނޑައަޅައިފައެވެ. ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއިރުވެސް މާވިން އަދި ލަމްހާވެސް ތިބީ ބަންދުކޮށްފަ އެވެ.

އެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށްލުމަށެވެ. އެއީ އޭނާ ހިންގި އަމަލުގެ ސަބަބުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހެއްގެ ފުރާނަ ގެއްލި އަދި މައުސޫމް ކުޑަކުއްޖަކު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ. 

މާވިންގެ މައްޗަށް އުފުލި އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އަދި އޭނާގެ ފަރާތުން މިއަދު ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ. 

ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނަސީރު ނިންމެވީ މާވިންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އޭގެ ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 

މި މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ވެސް މިއަދު އޮންނާނެ އެވެ. ލަމްހާއަށް އަދަބު ކަނޑައެޅުން އޮތީ 2 ޖަހާއިރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު