އިސްމާއިލް ރިޒާ
27 އޮކްޓޫބަރ 2026 - 15:17
0 comments
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސް ނުކޮށް ގަރާރު ބާތިލުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައީ 56 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެމްބަރުންނެވެ.ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން، ގަރާރެއް ބަލައިގަތުމާމެދު މެންބަރުންގެ މެދުގައި ވޯޓަށް އަހަނީ އެ ގަރާރަކަށް އާންމު ބަހުސް ކުރުމަށް ފަހުގައެވެ. އަދި މަޖިލީހުން އެ ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ، ދިރާސާކުރުމުގެ މަރުހަލާއަށް ކަމާގުޅޭ ކޮމިޓީއަކަށް ފޮނުވެއެވެ.މި މާއްދާއަށް މިދިޔަ ހޮނިހިރު ދުވަހު އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ.ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ގަރާރެއް ހުށަހެޅުއްވުމުގެ އިހުތިޔާރު އޮންނާނެއެވެ. ބިލަކާއި ގަރާރެއްގެ މެދުގައިވާ މައިގަނޑު ފަރަގުތަކުގެ ތެރޭގައި، ބިލާ ހިލާފަށް ގަރާރުގައި ދީބާޖާއެއް ހިމެނުމާއި، އެ ވަގުތަކު މަޖިލީހުގައި ބަހުސް ހިނގަމުންދާ ވަކި ހާއްސަ މައުލޫއަކަށް އެކަނި އަމާޒުވެފައިވާ އެއްޗަކަށް ގަރާރު ވާންނުޖެހުން ހިމެނެ އެވެ.މި އިސްލާހުގައި ކަނޑައަޅާފައިވަނީ، މަޖިލީހަށް ހުށަހެޅޭ ގަރާރަކަށް އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރު ބަލައިގަތުމާމެދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހަންވާނެ ކަމަށެވެ. މިގޮތުން ނެގޭ ވޯޓުން އެ ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެނަމަ، އެ ގަރާރެއް ބާތިލުވެ، އެއާމެދު އިތުރު އެއްވެސް ބަހުސެއް ނުހިނގާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.އަދި ގަރާރު ބަލައިގަތުމަށް މަޖިލީހުން ފާސްވެއްޖެ ހާލަތެއްގައި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު، އެ ގަރާރެއް އިތުރަށް ދިރާސާކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއަކަށް ފޮނުވޭނެ ކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.މަޖިލީހުގެ ގަވައިދު ކުރިން އޮތް ގޮތުން މެންބަރުން ހުށަހަޅުއްވާ ގަރާރުތައް މަޖިލީހަށް ބަލައިގަތުމާ މެދު ތަޅުމުން ގޮތެއް ނިންމަނީ ބަހުސްކުރުމަށް ފަހުގަ އެވެ. އެކަަމަކު ގަރާރު ތަޅުމަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަނީ ރިޔާސަތުންނެވެ.