ޕާކިސްތާނު ޝެފް އާބިދުގެ މައްޗަށް ބަންގްލަދޭޝް ވެއިޓަރު މަރާލިކަމުގެ ދައުވާ ސާބިތުވެއްޖެ
ހުނައިދާ ޔާސިރު
18 ޖުލައި 2026 - 18:45
0 comments
ޕާކިސްތާނު ޝެފް މުހައްމަދު އާބިދު
ހުޅުމާލޭ ނިރޮޅުމަގުގެ 19 ނަމްބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭގައި ވަޅިން ހަމަލާދީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ވެއިޓަރު، އެމްޑީ ޝަމީމް މަރާލި ކަން، އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ޝެފް މުހައްމަދު އާބިދު (26އ)ގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2022 ވަނަ އަހަރުގެ ރޯދަ މަސް ތެރޭގައި ހިނގި އެ މާރާމާރީއާ ގުޅިގެން، އާބިދުގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.އާބިދު ވަނީ އޭނާ ހަމަލާދިނީ ވަޅިއެއްކަންް ނޭނގި ހުރެ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މާރާމާރީ ހިންގަން ފެށުމުން ދިފާއުވާން ވެގެން ކަމަށް ބުނެ، ދައުވާއަށް އިންކާރުކޮށްފަ އެވެ.މި މައްސަލަ ބެއްލެވުމަށްފަހު، ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ އެކަމުގައި ގަސްދެއް ނެތް ކަމަށް އާބިދު ބުންޏަސް އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއް ކަން ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުން ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.މައްސަލައިގައި ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.ވެއިޓަރަށް ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށް އާބިދު ބުނާ ވާހަކައަކީ އޭނާ އަމިއްލައަށް އުފަން ކުރުވި ވާހަކަތަކެއް ކަމަށް ހެކިންގެ ހެކިބަހާއި ހާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބުރަވެވޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ. އާބިދުގެ މައްޗަށް ދައުވާ ސާބިތުވުމުން، ޝަމީމްގެ ވާރިސުންގެ ބަސް ނެގުމަށް ފަހު އަދަބާ މެދު ގޮތެއް ކަނޑައަޅާނެ އެވެ. ވާރިސުންގެ ބަސް ހޯދަނީ މަރަށް މަރު ހިފަން ބޭނުންވޭތޯ ބެލުމަށެވެ. އާބިދުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަނީ ވާރިސުން އެ ގޮތަށް ބޭނުންވެއްޖެނަމަ އެވެ.
ކިޔުންތެރިންގެ ޝުއޫރު