ޚަބަރު
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއް
އެކި ދާއިރާރަކުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފި އެވެ.

ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަރުތައް އަލުން ފެށުމާއި ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތް ކުރުމާއި ސައިބާ ސެކިއުރިޓީ އާއި މަސްތުވާތަކެތި ސްމަގްލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން ހިމެނެ އެެވެ. އޭގެ އިތުރުން ދިފާއީ ކަންކަމާ ގުޅޭ އެމްއޯޔޫއަކާއި ކަނޑުމަތީގެ ރައްކާތެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ އެމްއޯޔޫ ހިމެނެ އެވެ. އަދި ދަނޑުވެރިކަމާ ގުޅޭ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ. 

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދަތުރުފަތުރާއި ތަޢުލީމާއި ސިއްޙީ އަދި ދިފާޢީ ދާއިރާގެ އެއްބަސްވުންތައް ހިމެނެ އެވެ.

* ތައުލީމީ ދާއިރާގެ ދެ އެއްބަސްވުމެއް
* ޒުވާނުން ބާރުވެރި ކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
* ޓޫރިޒަމް ދާއިރާ އިން ގުޅުން ބަދަހިކުރުން
* ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
* ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
* ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
* ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
* މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
* އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
* ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
* އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
* ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
* މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
* ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެހެންވެ ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅު އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެ އެވެ. 

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު