ޚަބަރު
ރާއްޖޭގައި އިންވެސްޓްކުރުމުގެ ދައުވަތު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް.
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުންހިފުމަށް ގޮވާލައްވާ ރާއްޖެއާއެކު ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމުގެ ދައުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި މިއަދު ބާއްވާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދަނީ އެންމެ 13 މިލިއަން ޑޮލަރުގެ ކުޑަ ވިޔަފާރިއެއް ކަމަށެވެ.

ނަމަވެސް، ރައީސް މުއިއްޒު އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެބޭފުޅުން ސާފު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަހު، ރައީސް ޑރ. މުއިއްޒު، އަޅުގަނޑުގެ އެދުމުގެ މަތިން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް އެއްބަސްވެވަޑައިގެންފައި. މިހާރު މިއޮތީ ފުރުސަތު. މިއީ އަޅުގަނޑުމެން އަމަލީ ގޮތުން ނަތީޖާ ނެރެންވީ ވަގުތު،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއެކު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން ކުންފުނިތަކަށް މި ތަރައްގީގެ ބައިވެރިންނަށް ވުމަށް ދައުވަތު ދެއްވާފަ އެވެ. އެގޮތުން، އެފަރާތްތަކުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ވުނަކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ފައިނޭންސާއި، ހަލާލް އުފެއްދުންތަކާއި، ހަަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިން އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިންތަކުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް، ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވި އެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރެއްވި އެވެ.

މި ފޯރަމްގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، މި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. 

ގާތްގަނޑަކަށް 11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި އެ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ އާ ބާބެއްގެ ގޮތުގައި ސިފަކުރައްވަމުން ބޮޑުވަޒީރު ވަނީ އެއީ ދެ ގައުމުގެ ވިޔަފާރި އާއި އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު