ޚަބަރު
އިންޑިއާ އައުޓް ކެމްޕޭނަށްފަހު ސަރުކާރަށް ޖެހުނީ އުނބަށް ޖަހަން: ޝާހިދު
ވެރިކަމަށް އައުމުގެ ކުރިން "އިންޑިއާ އައުޓް" ކެމްޕޭން ހިންގައި، އިންޑިއާއާ ދެކޮޅަށް މަގުމަތީގައި ތަފާތު ހަރަކާތްތައް ހިންގުމަށްފަހު، ޕީއެންސީ އިން ވެރިކަމަށް އައުމަށްފަހު އެ ޤައުމުގެ އެހީއަށް އެދެންޖެހިފައިވާ ކަމަށާއި، މިނިވަން ދުވަހުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުންވެސް އިންޑިއާގެ ބޮޑުވަޒީރު ގެންނަންޖެހުނީ އެ ސިޔާސަތު ނާކާމިޔާބުވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައީ މުޅި ދުނިޔެއާ ޖެހިގަނެގެން ކަމަށާއި، ހާއްސަކޮށް އިންޑިއާއާއި ޗައިނާއާ ދެމެދު ފިތުނަ އުފެއްދުމަށް މަސައްކަތްކުރި ނަމަވެސް، ވެރިކަމަށް އައުމުން ފެންނަ މަންޒަރު މުޅިން ތަފާތުވެފައިވާ ކަމަށެވެ.

އަވަށްޓެރި ގައުމުތަކާއި ގައުމުގެ ތާރީހަކީ ކިތަންމެ ބޭނުންވިޔަސް ބަދަލުކޮށްލެވޭނެ ކަންކަން ނޫން ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އަވަށްޓެރި ގައުމުތަކަކީ ކިތަންމެވަރަކަށް ދުރުވާން އުޅުނު ނަމަވެސް ދުރަށް ނުދާނެ ބަޔަކަށްވާތީ، އެ ޤައުމުތަކުގެ ރައްޔިތުންނާއެކު އުޅެންޖެހޭނެކަމުގެ ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ވަގުތީ ފައިދާއަށްޓަކައި އުސޫލުތަކުން ބޭރުން ވާހަކަދެއްކުމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އަގެއް ނެތިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް އެންމެ ގިނަ ދަތުރުފުޅުތައް ކުރައްވައި، ކޮންމެ ތަނެއްގައި އިންވެސްޓްމަންޓް ފޯރަމްތައް ބޭއްވި ނަމަވެސް، ގައުމުތަކުގެ މެދުގައި ރާއްޖޭގެ އިތުބާރު ގެއްލިފައިވުމުގެ ސަބަބުން ބޭރުގެ އެއްވެސް އިންވެސްޓްމަންޓެއް ނުވަތަ އެހީއެއް ނުގެނެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދުވެސް ރާއްޖެއަށް އެހީ ލިބެމުންދަނީ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އައި އިންޑިއާއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޝާހިދު މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވިއިރު، މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ އޮތް ގުޅުން ވަރަށް ގޯސްވިއެވެ.

އެއީ ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ. އޭރު، އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފަ އެވެ.

އެކަމަކު، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު