ޚަބަރު
ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަނީ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް ހިންގާ އިމާރާތް - ފޮޓޯ އަވަސް
ކްރިމިނަލް ކޯޓަށް ތިން ގާޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ. 

އެ ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ މަހަކު 37،700ރ. އެވެ. އަދި ލިވިން އެލަވަންސަށް މަހަކު 18،000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3،300ރ. ލިބޭނެ އެވެ. މީގެ އިތުރުން ފޯނު އެލަވަނަސްގެ ގޮތުގައި މަހަކު 1،000ރ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެ އެެވެ.
ގާޒީންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 16 އަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް ވެސް ވާން ޖެހެ އެވެ. އަދި މީގެ އިތުރުން ނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ.

ކްރިމިނަލް ކޯޓުން ގާޒީ ކަމުގެ މަގާމު ހުސްވެފައިވަނީ އެ ކޯޓުގައި ހުންނެވި ގާޒީ އިސްމާއިލް ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވީ 12 ގާޒީންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު