ޚަބަރު
މިއަހަރު އިތުރަށް މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއިން އެކަނި: ރައީސް
ސިއްހީ ދާއިރާއަށް މި އަހަރު އިތުރަށް 2،000 އެއްހާ މުވައްޒަފުން ނަގާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ވަނީ، ހިދުމަތް ހޯދާ މީހުންގެ އާބާދީއާ އެއްވަރަށް މުވައްޒަފުން ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ދަތިތަކާ ކުރިމަތިވި ކަމަށާއި އިތުރު މުވައްޒަފުން ނެގުމަށް އެދުނު ކަމަށް އެ އޮފިސަރު ފާހަގަކުރި އެވެ.

ރައީސް ވިދާޅުވީ އިތުރަށް މުވައްޒަފުން ނަގަން ނިންމާފައިވަނީ ހެލްތު ސެކްޓާއަށް އެކަނި ކަމަށެވެ. މުޅި ރާއްޖޭގެ ހެލްތު ސެކްޓާއަށް އިތުރަށް 2،000 އެއްހާ މުވައްޒަފުން ނަގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއްމު ބަލިތަކާއި ކުދި ކުދި ފަރުވާތައް ދިނުމަށް ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި އިތުރު ދެ ޖީޕީ ކްލިނިކް ހަދާނެ ކަމަށެވެ. އެ ދެ ތަނުގެ މަސައްކަތް ނިމުމުން އިތުރަށް މުވައްޒަފުން ނަގާނެ ކަން ފާހަގަކުރެއްވި އެވެ.

އެ ޑޮކްޓަރު ވިދާޅުވީ، އިތުރަށް ކިޔެވުމަށް މިދިޔަ ޑިސެމްބަރު ހިސާބުގައި ގިނަ މެޑިކަލް އޮފިސަރުން ވަޒީފާއިން ވަކިވުމުން ގޮންޖެހުންތައް ބޮޑުވި ކަމަށެވެ. އެހެންވެ، އިތުރު މުވައްޒަފުން ނެގުމަށް އޭރު އެދިވަޑައިގެންނެވި ކަމަށް ވެސް، ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރާ ކަމަށެވެ. 

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭނެ ވަސީލަތްތަކާއި ތަންތަން ނުހުންނަ ކަމުގެ ކަންބޮޑުވުން އެ ދާއިރާގައި އޮވެއެވެ. ކަން އެހެން އޮތްއިރު، އަހަރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ސިއްހީ ދާއިރާގެ އިންފްރާންސްޝަކްޗާ ގާއިމުކުރުމަށް ކަނޑާއަޅާފައިވާ 814.7 މިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކުރެވުނީ އެންމެ 232 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު