ޚަބަރު
ޕޯސްޓްމޯޓަމް ޔުނިޓް ހެދުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިމެއް
ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ގާއިމުކުރަން އައިޖީއެމްއެޗަށް ބިމެއް ހަމަޖައްސައިފި އެވެ.

މި ބިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ ކައިރިންނެވެ. މި ފެސިލިޓީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސްކޭންތައް ވެސް ހަދަން ބޭނުންވާ ވަސީލަތްތަކާ އެކުގަ އެވެ.

މިދިޔަ ޖުލައި މަހު ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެފައިވަނީ، ޕޯސްޓްމޯޓަމް ހެދުމަށް ލެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށާއި އެކަމަށް ބިން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ދިނުމުގެ މައުލޫމާތު ގާނޫނެއްގައި ބަޔާންކޮށްފައިވަނީ، 2015 ވަނަ އަހަރެވެ. އޭގެފަހުން އެކި ސަރުކާރުތައް އައި ނަމަވެސް އެ ހިދުމަތް ގާއިމްކުރަން މަސައްކަތްކޮށްފައިނުވާ ކަމަށާއި، އެއާއި ހިލާފަށް މި ސަރުކާރުން ދަނީ އެ ހިދުމަތް އެކަށީގެންވާ ގޮތުގައި ރާއްޖޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވި އެވެ.

އެ ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ގަވާއިދު އެކުލަވާލާ، ގެޒެޓް ކުރާނެ އެވެ. މިހާރު ޕޯސްޓްމޯޓަމް ހަދަން ޖެހެނީ، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެންނެވެ. ފާއިތުވި 10 އަހަރު ޕޯސްމޯޓަމް ހަދަން 23 ހަށިގަނޑު ފޮނުވާފައިވެ އެވެ. އެ ހިދުމަތް ހޯދަން މީހަކަށް 55،000 ރުފިޔާ ހޭދަވި އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު