ޚަބަރު
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރަނީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ދަށަށް ގެންނަން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށެވެ. މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ.

އެލްޖީއޭއަށް މުވައްޒަފުން ނެގުމާއި ވަކިކުރުމުގެ ޒިންމާ ގާނޫނުން މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑަށެވެ.

ނަމަވެސް، ހަމަދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެ ޒިންމާ ސީއެސްސީއަށް ބަދަލުކުރުމަށެވެ.

އަދި މި ބިލު ފާސްވެ، ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމުގެ އިދާރީ އޮނިގަނޑު އެކުލަވައިލަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހެ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވަނީ ހިމަނުއްވާފަ އެވެ.

މި ބަދަލު ގާނޫނަށް މި ގެންނަނީ، އަތޮޅުތައް ހިންގުމާ ހަވާލުވުމަށް އެލްޖީއޭއިން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބުކޮށްފައެއް ނުވެ އެވެ. އެއީ އަތޮޅު ކައުންސިލްތައް އުވިގެންދާ ގޮތަށް، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، އެ އިސްލާހުތައް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުންނެވެ.

މިހާރު އޮތް އަތޮޅު ކައުންސިލްގެ ދައުރު ހަމަވަނީ މި މަހު 17 އަށެވެ. އެއާ އެކު އަތޮޅުތައް ދެން ހިންގާނީ އެލްޖީއޭއިންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު