
ރައީސް ނަޝީދު ވަނީ މި އިންތިހާބު ފަސްނުކޮށް، ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ."އެލްޖީއޭ ބޯޑުގެ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަކީ އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާން ކުރުން. އެލްޖީއޭގެ އިންތިހާބު ތާރީހަށް ބާއްވަން ޖެހޭ،" ނަޝީދު އެކްސްގައި ލިޔުއްވި އެވެ. އެލްޖީއޭއިން ހުޅުވާލީ އެ އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށެވެ."2026 އޮގަސްޓް 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ވާހަކަ ދަންނަވަން،" އެލްޖީއޭއިން އިންތިހާބު ފަސްކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.