ޚަބަރު
އަލައްބާރަށް ފުރައްސާރަ ކުރުމަކީ އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެ: ނަޝީދު
ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.

ރަސްމާލޭގެ "އާބަން އޭރިއާ"ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.

އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.  

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ މަޝްރޫއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެ ކަމަށެވެ.

މީގެ އިތުރުން އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވެއެެވެ. އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުންކަން ފާހަގަ ކުރައްވައި، ޕާޓީގެ ސިޔާސަތާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު