ޚަބަރު
ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކަލެއް: ނަޝީދު
ރައީސް މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާ އެކު އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވަނިކޮށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ އިސްވަފުދަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ،" އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮންނަ ވާދަވެރިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

"ޕާކިސްތާނާ އެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް. ރާއްޖެއަށް ނުރައްކާވާނެ ކަމެއް."

އިންޑިއާއާ އެކު އަބަދު ވެސް ގާތް ގުޅުމެއް ބާއްވަވާ ނަޝީދު، ޕާކިސްތާނަށް ރައީސް ކުރެއްވި ދަތުރުފުޅަށް ފާޑުވިދާޅުވި އިރު، ރައީސް މުއިއްޒާ އެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވަނީ ޕާކިސްތާނާއި އިންޑިއާގެ މަސްލަހަތު ހުރި ކަންތައްތަކުގެ ވާހަކަ ރައީސް މުއިއްޒާ ހިއްސާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖެއާ ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ އެމްއޯޔޫތަކަކީ ދެ ގައުމުގެ ކުރިއެރުމަށް ވެސް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު