ޚަބަރު
ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެފަދަ މަޝްރޫއުއެއް ހިންގަން ޖެހޭނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅުންފިލުވައިދީފައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ހިއްކަމުންދާ ރަސްމާލޭގެ ބޮޑު ސަރަހައްދެއްގައި މަތީ ފަންތީގެ ހޮޓާތަކާއި ޓޫރިސްޓް ވިލާތައް ހިމެނޭ ގޮތުން ވޯޓާ ފްރަންޓް މެރީނާއެއް ތަރައްގީ ކުރުމަށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ދުބާއީގެ އީގަލް ހިލްސްއާއެކު ސޮއިކޮށްފަ އެެވެ.  

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ދިދައަށް ބޮސްދީ ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވައުދާއެކު ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެއާ ދިމާ އިދިކޮޅަށް ކަންކަން ކުރަމުންދާ ތަން ކަމަށް ވިދާޅުވި އެވެ.

"މިއަދު ވެރިކަމަށް ވަޑައިގަތުމަށް މިހިރަ ދިދަޔާއޭ، މިއޮތް ވެލިފުކާއޭ، ބާވަތް ބާވަތުގެ ވާހަކަދައްކައި އަޅުގަނޑުމެން ގާހައްދަމުން ގެންދިޔައީ. ރާއްޖޭގެ ރައްޔިތުން ކާތު ބުނީ ތިމަންނާގެ އެކަންޏޭ މި ހިނގަނީ ދިވެހި ލޭ. ދެން ތިބީ ފަރަންޖީންނޭ. ލާދީނީ މީހުންނޭ. އެމްޑީޕީ މީހުންނޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި މި ޖަލްސާގައި ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިން ގޮތުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނެތް ކަމަށެވެ. އަދި މިއަދު ވެގެންމިދަނީ ކީއްކަން ރައްޔިތުންގެ މަޖިލީހަށް ވެސް އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ކަމެއް ކުރާއިރު، އެކަމެއް ކުރަނީ ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަމެއް ކިޔައިދީފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއަދު މި ކުރަމުން ގެންދާ ކަންތަކުގައި އެއްގޮތަކަށް ވެސް ދެފުށް ފެންނަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނެތް، ކޮންޓްރެކްޓަކީ ކޮބައިކަމެއް، ވެގެން މިދަނީ ކިހިނެއްކަމެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް އެނގޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެ ކަންކަމުން ސާފުވަނީ މި ވެރިކަމުގެ މުނާފިގުކަން ކަމަށް ނަޝީދު ވިދާޅުވި އެވެ. ވެރިކަމުގެ ހުވާކުރެއްވި ދުވަހު އެމަނިކުފާނު ގައުމީ ދިދަޔާ މުހާޔަބުކުރައްވައި ދެއްކެވި ވާހަކައަށް ވެސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.

ރަސްމާލޭގެ 'އާބަން އޭރިއާ'ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.

އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރާނެ ގޮތްތަކާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު