ޚަބަރު
ރަސްމާލެ މަޝްރޫއަކީ ދާއިމަށް ރާއްޖެ އަޅުވެތިކުރާނެ ކަމެއް: ޔާމީން
ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު އަކީ ދާއިމަށް ރާއްޖެ އަޅުވެތިކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.

ރަސްމާލޭގެ "އާބަން އޭރިއާ"ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.

އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. 

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރަސްމާލޭގައި ކުރިއަށްގެންދަން އުޅެނީ އިގްތިސާދީ މަޝްރޫއެއް ނޫން ކަމަށާއި އެގޮތަށް އެ ވާހަކަ ވިއްކަން އުޅޭނެ ކަމެއް ނެތް ކަމަށެވެ. މިއީ ދާއިމަށް ރާއްޖެ އަޅުވެތިކުރާ ކަމެއް ކަމަށާއި މިއީ ނުރައްކާތެރިކަން ބޮޑު ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށާއި، އެއީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި މަޝްރޫއެއް ކަމަށެވެ. ރަސްމާލެ ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ އެ ތަން ބޭރުގެ ފަރާތްތަކަށް ވިއްކާލުން ނުވަތަ ފޮރިން އިންވެސްޓްމަންޓްތަކަށް އެކަނި ހާއްސަކުރުން ނޫން ކަމަށާއި އެއީ މާލެ ސަރަހައްދުގައި އުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރޭވި އާ ޓައުންޝިޕެއް ކަމަށްވެސް ވިދާޅުވި އެވެ.

"މައިގަނޑު ބޭނުމަކަށް އޭރު އަޅުގަނޑު ބުނެފައި އޮންނާނެ 2030 އަންނައިރު، އަށާރަ އަހަރުން މަތީ ހަމަ ކޮންމެ ކުއްޖަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ޕްލޭންކުރި މަޝްރޫއެއް މި މަޝްރޫއަކީ،'" ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު