ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ
އަބްދުﷲ މައުރޫފް
22 އޮކްޓޫބަރ 2026 - 16:10
0 comments
ގާނޫނުތައް ނުހަދައި ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.ރަސްމާލޭގެ 'އާބަން އޭރިއާ'ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދީދީ ވިދާޅުވީ ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމީ ރާއްޖޭގައި އޮންނަ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު މުގުރާލުމަށްފަހު، އެކަމަށް ހަދަންޖެހޭ ގާނޫނުތައް ނަހަދައި ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށްގެން ދެން ހަދާ އެއްބަސްވުންވެސް ވެގެންދާނީ ގާނޫނީ އުސޫލާ ހިލާފަށް ހަދާ އެއްޗަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި ގާނޫނުއަސާސީއާ ހިލާފުވަނީ ކޮން އޭންގަލަކުންތޯ. ސެޕެރޭޝަން އޮފް ޕަވާސް. އަޅުގަނޑުމެން މި ކިޔާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށްވެސް ވާހަކައަކީ ވަޔަލޭޓް އެބަ ކުރައްވާ ސަރުކާރުން. ސަރުކާރުން މި ހައްދަވަނީ މިސާލަކަށް އެމީހުންނަށް [އީގަލް ހިލްސްއަށް] ވައުދެއް މިވަނީ އެގްރީމަންޓް ހައްދާނަމޭ ކިޔާފައި، އެމީހުންނަށް ހައްގުތަކަކާއި އިންތިޒާމުތަކެއް. ރައިޓްސް އޮބްލިގޭޝަންތަކެއް އުފައްދާފައި މި ދެނީ އިންޓެންޓުގެ ދަށުންވެސް މިސާލަކަށް،" ދީދީ ވިދާޅުވި އެވެ. "އިންޓެންޓެކޭ ކިޔަސް، ކޮންމެ ނަމެއް ކިޔަސް އޭގައި ބަލަންޖެހޭނީ އޭގެ އިބާރާތްތައް. ފްރޭމްވޯކް އެގްރީމަންޓެއް ވެއްޖެއްޔާ އެ ހުރި އިބާރާތްތަކުން އިންތިޒާމުތަކަކާއި ހައްގުތަކެއް އޭގެ އުފެދިފައި އޮވެއްޖެއްޔާ އޭގެ މާނައަކީ އޭގެ ފަހުން ގާނޫނުތަކެއް ހަދައިގެން އޭގެ ދަށަށް ފައިނަލް އެގްރީމަންޓްތަކެއް ގެންދެވިއްޖެއްޔާ ރެޓްރޮސްޕެކްޓިވްކޮށް، އޭގެ މާނައަކީ ރަޖުއީ އަސަރަކުން އެ އެޕްލައިކުރާ ކުރުމަކީ އެއީ ގާނޫނީ އުސޫލުތަކާ މުޅިން ހިލާފު އެއްޗެއް."ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.