
ޔާމީން މިހެން މި ވިދާޅުވީ ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގައި އެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ މަޝްރޫއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެ ކަމަށެވެ.
މީގެ އިތުރުން އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވެއެެވެ. އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުންކަން ފާހަގަ ކުރައްވައި، ޕާޓީގެ ސިޔާސަތާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައިވެއެވެ.
އެ ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީން ރޭ ވިދާޅުވީ ރާއްޖެއަށާއި ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބެމުން އައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ނަޝީދުގެ ވެރިކަމުގައި ކަމަށެވެ."އެއޮށް ބޮޑަށް ސަރުކާރަށް ފައިދާ ލިބެމުންދިޔަ އެއާޕޯޓު ކުންފުނި. އެ ކުންފުންޏަކީ ދިވެހި ދައުލަތުގެ އިންވެސްޓުމެންޓެއް. އެ އިންވެސްޓުމެންޓު ނަގާ ޖީއެމްއާރަށް ވިއްކާލާފައި، މިއަދު މީނަތޯ ދައްކަވަންވީ ރާއްޖޭގެ އިންވެސްޓުމެންޓަށް ގެއްލުންވާނެއޭ ރަސްމާލޭގެ ވާހަކަ ދެއްކީމާ؟ ނޫނީ އެ މީހުންނަށް ފުރައްސާރަ ކުރީމާ؟،" ޔާމީން ވިދާޅުވި އެވެ."އަޅުގަނޑުމެން ފުރައްސާރަ ކުރާނަން. އަލް-އައްބާރަށް ފުރައްސާރަކޮށްގެން، ރަސްމާލޭގައި ކުރަން މިއުޅޭ ކަންތަކަށް ފުރައްސާރަކޮށްގެން ރާއްޖޭގެ އިންވެސްޓަރުންގެ ތެރެއިން ހަމަ އެކަކު ވެސް ނުގުޑާނެ."ޔާމީން ވިދާޅުވީ އިންވެސްޓަރުން ގުޑާ ނަމަ، އެކަން ވެފައި އޮތީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.