ވިޔަފާރި
ދިރާގު ވިން 2 ސްޕީޑްބޯޓްސް ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔާ ހޮވައިފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.

މި ޕްރޮމޯޝަނުގައި ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އިމާރާތް ކުރުމުގެ ދާއިރާގެ ފަންނީ ބޭފުޅެއް އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔޫސުފް އެވެ. 

ދިރާގުން ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވީ މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ހަރަކާތެއްގަ އެވެ. މުނިފޫހިފިލުވުމާއި ކުޑަކުދިންނަށް ހާއްސަ އެކި ކުޅިވަރުތަކާއި އެކު ބޭއްވި މި ހަވީރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. 

މިއީ ދިރާގުން މިދިޔަ އަހަރު ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ގިނަ ކަސްޓަމަރުންތަކެއް ބައިވެރިވި އެވެ. 

ދިރާގުން ބުނީ މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަނުކޮށްފައި ކަމަށެވެ. އެގޮތުން ނެކްސާ މޯލްޑިވްސްއިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި، ގުރުއަތު ނެގި ވަގުތު އެތަނުގައި ހަރަކާތްތެރިވެފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި "އެކަތި ބޮޑުބެރު" ގްރޫޕާއި މަޝްހޫރު ލަވަކިޔުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ވަނީ ހުށަހަޅައިފަ އެވެ. އަދި މި އިވެންޓުގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމްއާއި އެސްއެސްޓީވީ އަދި ދިރާގު ފޭސްބުކާއި ޔޫޓިއުބްއިން ލައިވް ވެސް ކޮށްފަ އެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޏެކެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު