
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި ކަމަށާއި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތޭ ބުނުމުން އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ."އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވި އެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.އަދި، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ ފަރާތުން ކޮންމެ މީހަކު ނުކުތް ނަމަވެސް، އެ މީހެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮވެގެން ނޫނީ 2028 ކާމިޔާބު ކުރުން ދަތިވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.ފައިސަލްގެ މި ޝައުގުވެރިކަމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ކުރެވެމުންދާ ބަހުސް އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ. މީގެ އިތުރުން، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ސިޔާސީ މަސްރަހުގައި އަޑުތައް ފެތުރިފައިވެ އެވެ. ކުރީގެ ރައީސް ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭ އަޑުތައް އިވެ އެވެ.