ޚަބަރު
ނާޒިމާ ދައްކާނެ ވާހަކައެއް ނެތް: ރައީސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީން އުޅުމުން އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާ އެކަމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އީދު ބަންދުގައި ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުންނެވެ.  

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ކުރައްވަން މާ ކުރިިއްސުރެ ރާއްވަވާފައި އޮތް ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު [ސިންގަޕޫރަށް] ދިޔައީ ޗުއްޓީ އަށް، އަޅުގަނޑުގެ ފެމިލީއާ އެކީ ވަގުތުކޮޅެއް ހޭދަކުރަން. އަޅުގަނޑު ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑެއް ނާޒިމްއާ އެކީގައި ދައްކާ ވާހަކައެއް، ދައްކާނެ ވާހަކައެއް ވެސް، މަޝްވަރާއެއް ވެސް ނެގޯސިއޭޝަނެއް ވެސް ނެތް، އެކަމަކާ ވިސްނާފައެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ. 

ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރީ މަޖިލީހުގެ މެންބަރުންގެ ދެމެދު މަސަލަސްކަން ގެއްލުވާލަން މަސައްކަތްކުރައްވާ ކަމަށެވެ. ނާޒިމް އިސްތިއުފާ ދެއްވައި އިއްޔެ ނެރުއްވި ބަޔާނުގައި އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހަމަ އެފަދަ ދޮގު ވާހަކައެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު