ޚަބަރު
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
ރާއްޖޭގައި ވެސް ސޯޝަލް މީޑިއާ 16 އަހަރުން ދަށަށް މަނާ ކުރަން މަސައްކަތްތަކެއް ފަށައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާން ކުދިންގެ ރައްކާތެރިކަމަށްޓަކައި ޖެނަރޭޝަނަލް ބޭން އެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެހެން ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި، ޒުވާން ކުދިން ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައިބާ ބުލީ އާއި ގްރޫމިންގެ ތެރެއަށް ވެސް ކުދިން ވަންނަމުންދާ ކަމަށާއި އެހެންވެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމަ ކުރިއަށް ހުރި ދުވަސްތަކުގައި މަސްތަކުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމާ އަޅުގަނޑު އުންމީދު ކުރަނީ ގިނަވެގެން އެންމެ ގިނަވެގެން އަހަރެއްހާ ދުވަސް އެންމެ ގިނަވެގެން އަދި އެއަށްވުރެވެސް އަވަހަށްވެސް ކާމިޔާބު ކުރެވޭނަމަ މިއަހަރުގެ ތެރޭގައިވެސް އަމަލީ ގޮތުން އެންފޯސްކުރެވޭ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރުމުގައި ބޭން ކުރުމުގެ ކަންތައް ކުރުން،" ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް ފެށި އިރު، އެ އުމުރުފުރު އަށް ސޯޝަލް މީޑިއާ މަނާކުރަން ގޮވާލައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރައްޔިތުންްގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

އޮސްޓްރޭލިއާ ނަމޫނާއަކަށް ބަލައިގެން ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން މިހާރު އަންނަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން މެލޭޝިއާގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު