ޚަބަރު
މަޖިލީހުގެ ނައިބު ރައީސް ކަމަށް ރެޑްވޭވް ސަލީމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބު ކޮށްފި އެވެ. 

ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. 

އެހެންވެ، ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ޕީއެންސީން ހުށަހެޅީ ސަލީމްގެ ނަމެވެ. އަދި އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)ގެ ނަމެވެ.

ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުގައި ސަލީމް އަށް 62 ވޯޓް ލިބިލެއްވިއިރު ފިއްޓޭއަށް ލިބިލެއްވީ 10 ވޯޓެވެ. އަދި 2 ވޯޓެއް ބާތިލްގެ ގޮތުގައި ބެލި އެވެ.

ނާޒިމްގެ މައްޗަށް ޕީއެންސީން ހުށަހެޅި ގަރާރުގައި މަސްލަހަތު ނަގާލުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުތައް ކޮށްފައިވީ ނަމަވެސް، އޭނާ ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އިސްތިއުފާ ދެއްވަން ނިންމެވީ ވެރިކަން ކުރާ ޕާޓީގެ ހުރިހާ މެންބަރުން އެކަމަށް އެދިވަޑައިގަތުމުން، އެއީ ޑިމޮކްރަސީގެ ތަހުޒީބީ އުސޫލު ކަމަށް ދެކޭތީ ކަމަށްވެސް ނާޒިމް ބަޔާންކުރައްވާފައި ވެއެވެ.

ސަލީމަކީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން، ފެހި ގާނޫނުއަސާސީގެ ފަހުން މަޖިލީހުގައި މެދުކެނޑުމެއް ނެތި އިންނެވި އެއް މެންބަރެވެ.

އެގޮތުން، 2004 އިން ފެށިގެން މިހާތަނަށް މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން އެ ގެންދަވަނީ ފަސް ވަނަ ދައުރެވެ. ސޯޅަ ވަނަ މަޖިލީހުގައި ބ. އަތޮޅުގެ މެންބަރަކަށް ހުންނެވުމަށް ފަހު، 17 ވަނަ މަޖިލީހުން ފެށިގެން 20 ވަނަ މަޖިލީހާ ހަމައަށް ތަމްސީލްކުރެއްވީ އޭދަފުށި ދާއިރާ އެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ސަލީމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު