
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެެން އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށެވެ."މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،" ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ އިރު އިރު އެ އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ."[ޒަކާތް] ދޭން މި ޖެހެނީ ފަގީރުންނަށް، ނިކަމެތިންނަށް، އެހެންވީމާ މި ރާއްޖޭގައި އެ ބަދަލު އެބަޖެހޭ ގެންނަން،" އޭނާ ވިދާޅުވި އެވެ.ހަމައެއާއެކު، އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް ވިދާޅުވިއެވެ.މި ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުން ތިބި ތަނެ ކަމަށް ވިދާޅުވެ ސަލީމް އިތުރަށް ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގަމުން އައިނަމަ މިއަދު ދިވެހި ރައްޔިތުން ތިބޭނީ މުއްސަނދިކަމުގައި ކަމަށެވެ.