ދުނިޔެ
16 އަހަރުން ދަށުގެ ކުދިން މެލޭޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފި
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ކުދިން އެ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކުރާ ގާނޫނާއި ގަވައިދުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ. 

އެ ގައުމުން މިއަދުން ފެށިފެން މިކަން ތަންފީޒު ފެށުމާ ގުޅިގެން މި އުސޫލަށް ތަބާނުވާ ސޯޝަލް މީޑިއާ ކުންފުނިތައް ޖޫރިމަނާ ވެސް ކުރާނެ އެވެ. އެގޮތުން އުސޫލަށް ކުންފުނިތަކުން އަމަލު ނުކުރާ ނަމަ 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރާނެ އެވެ.

މެލޭޝިއާގެ ސަރުކާރުން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރީ އޭގެ ސަބަބުން ކުޑަކުދިންނަށް ދިމާވަމުންދާ ތަފާތު އެކި ކަހަލަ މައްސަލަތަލުން އެ ކުދިން ރައްކާތެެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ސިއްހީ، ނަފުސާނީ މައްސަލަތަކުގެ އިތުރުން ސައިބަބްލީ ފަދަ ކަންކަމާ ކުރިމަތިވެ އެވެ.

މީގެ ސަބަބުން ކުދިންނަށް ނޭދެވޭ އެތައް އަސަރެއް ކުރެ އެވެ. މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ނެރުނު މައުލޫމާތު ކަރުދާހުގައިވާ ގޮތުން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް ޔޫޒަރުންގެ އުމުރު ކަށަވަރުކުރަން ޖެހޭނެ އެވެ. 

މެލޭޝިއާ އިން 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި މި ފިޔަވަޅު އެންމެ ފުރަތަމަ އެޅި ގައުމަކީ އޮސްޓްރޭލިއާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އެ ގައުމުގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ.

އޭގެ ފަހުން މި ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ފްރާންްސް އާއި ގްރީސް ވެސް ހިމެނެ އެވެ.

ޔޫރަޕްގެ އިތުރުން އޭޝިއާގެ ވަރަށް ގިނަ އިތުރު ގައުމުތަކަކުން ވެސް އަންނަނީ މި ފިޔަވަޅު އެޅުމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު