ޚަބަރު
އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވައިފި
އައިއައިޔޫއެމުން ރައީސް މުއިއްޒަށް ޑޮކްޓަރޭޓުކަމުގެ ލަގަބު މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފު މިއަދު އަރުވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ. އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސްއަށް އަރުވާފަައިވަނީ މިކަމަށްޓަކައި އައިއައިޔޫއެމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.

ތަފްސީލް - 'އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ'ގެ ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ، އަޒާޒީ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.

އޭނާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑާޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ. 

އައިއައިޔޫއެމުން ކިޔެވި ދަރިވަރުން އަންނަނީ ގާނޫނީ ދާއިރާ އާއި ނޫސްވެރިކަމާއި ތައުލީމީ ދާއިރާ އާއި ފިނޭންސް އަދި އިސްލާމީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން ކަމަށް ޔުނިވާސިޓީން ބުންޏެެވެ.

އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ދިވެއްސަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ވެސް އައިއައިޔޫއެމުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުންނެވެ.

މީގެ ކުރިން ވެސް އެ ޔުނިވާސިޓީން ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަށް އެކި ދާއިރާތަކުން ޝަރަފު އަރުވައިފަ އެވެ.

ރާއްޖޭގެ ރައީސަކަށް އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓުކަން އެރުވިއިރު މި ޔުނިވާސިޓީން ކިޔެވި މަޝްހޫރު ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގައި ވެސް މެލޭޝިއާގެ އައިއައިޔޫއެމްގެ ދައުރު ބޮޑެވެ. އެތަނުގެ ކިޔަވައިދިނުމުގެ މިންގަނޑުތައް ހެދުމުގައި ވެސް އެ ޔުނިވާސިޓީގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ޝަރަފު ރައީސް މުއިއްޒަށް އެރުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވި ދައުވަތަކަށް ރައީސް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ. މި މަހުގެ 27 ގައި ފެށި އެ ދަތުރު ނިންމައިލާނީ މާދަމާ އެެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު