ޚަބަރު
ކުރިއަރަން އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި
އައިއައިޔޫއެމުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް
މުސްލިމުން އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އައިއައިޔޫއެމް އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަގުރީރުގަ އެވެ. 

އެ ތަގުރީރު ފައްޓަވަމުން ރައީސް ވަނީ އައިއައިޔޫއެމުން ވަރަށް ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރައްވާފައި ވާތީ، އެކަމާ ވަރަށް އުފާކުރައްވާ ކަމަށާއި އެ ޔުނިވާސިޓީން ދަސްވެނިވި އެތައް ދަރިވަރުންނެއް މިއަދު ރާއްޖެއަށް ހިދުމަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ކުރިއެރުވުމުގައި އައިއައިޔޫމްއެމްގެ ދައުރު ފުޅުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންޓެލެކްޗުއަލް ރެނަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް އިސްލާމިކް ސިވިލައިޒޭޝަން"ގެ ސުރުހީގެ ދަށުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އިސްލާމީ ހަޟާރާތުން ކުރިން ހޯދާފައިވާ ކާމިޔާބިތަކަށް އިހުތިރާމުކޮށް، ސައިންޓިފިކް ރޮނގުން މުސްލިމުން އޭރު ހޯދި ކާމިޔާބީތައް އަލުން އާލާކޮށް، ދިރުވޭނެ މަގަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއީ އިސްލާމީ އުއްމަތުގެ ކުރިއެރުމާއި މުސްތަގުބަލަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމީ ހަޟާރަތަކީ އިލްމާއި ހޯދުންތަކާއި ދުނިޔޭގެ ކުރިއެރުންތައް ހޯދުމުގައި ލާމަސީލު ބައެއްކަން ތާރީހުން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އިސްލާމީ އުއްމަތް އެކި ކަންކަމުގެ ސަބަބުން މިއަދު ބައިބައިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެކި ދާރިއާތަކުން ގުޅިގެން މަސައްކަތް ކުރަން އޯއައިސީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އައިއައިޔޫއެމް ފަދަ ޔުނިވަރސިޓީތައް ކުރިއަރުވައި ދީންވެރި އަދި ތައުލީމީ ބޭފުޅުން އުފައްދާ ތަންތަން ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ފިކުރީ ޚިޔާލުތަކަށް އައި ދިރުމެއް ގެނައުމުގެ ވާހަކަތައް ދައްކާއިރު ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުހުތުންގެ ކެކުޅުންތަކުގެ ވާހަކަތައް ދައްކަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޔަހޫދީ ދައުލަތުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ. އަދި ކޮންމެ މުސްލިމް ކުއްޖަކަށްވެސް އުނގެނުމުގެ ފުރުސަތު ލިބޭނެ މުޖުތަމައުތައް ބިނާ ކުރަންޖެހޭ ކަމަށާއި އިސްލާމްދީނަކީ ހަމަޖެހުމަށް ލޯބި ކުރާ ތައުލީމަށް އިސްކަންދޭ ދީނެއްކަން އަޅުގަނޑުމެން ސާބިތުކޮށްދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މެޑިސިން އާއި ކްލީން އެނަރޖީ އަދި ކުއަންޓަމް ކޮމްޕިއުޓިންގެ ދާއިރާއިން ދެން ހޯދާ އެންމެ ބޮޑު އީޖާދީ ކުރިއެރުން އިސްލާމީ ގައުމަކުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މިކަން ހާސިލް ކުރުމަށް ބޭނުންވަނީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރުގައި ވަނީ އިސްލާމީ އުއްމަތް މި ވަގުތު ތަހައްމަލުކުރަމުންދާ ހިތްދަތި ކަންތައްތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އަދި އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު